ތައިލޭންޑަށް ދަތުރު ކުރާ ދިވެހިންނަށް ވިސާއާއި ނުލާ އެގައުމުގައި 60 ދުވަސް މަޑު ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
މިކަން ހަމަޖެހިގެން ދިޔައީ ތައިލޭންޑުގެ އިމިގްރޭޝަންގެ އުސޫލުތަކަށް ގެނައި ބަދަލުތަކާއި އެކުގައި ކަމަށެވެ.
އެގޮތުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެގައުމަށް ދަތުރު ކުރާ ދިވެހިންގެ ތެރެއިން ޗުއްޓީ، ބޭސްފަރުވާގެ އިތުރުން ވިޔަފާރި ދަތުރުތަކަށްދާ ފަރާތްތަކަށް ވިސާއާއި ނުލާ 60 ދުވަހު އެގައުމުގައި މަޑު ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ބުނީ، މި 60 ދުވަހުގެ ވިސާގެ މުއްދަތު އިތުރު ކުރަން ބޭނުންވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ވިސާ ހަމަވުމުގެ ކުރިން ތައިލޭންޑުގެ އިމިގްރޭޝަނަށް އެކަން ހުށަހެޅުމުން އިތުރު 30 ދުވަށް ވިސާގެ މުއްދަތު އިތުރު ކުރެވޭނެ ކަމަށެވެ.
