ކޮންމެ ދަރިވަރަކު ވެސް ގައުމަށް ހިދުމަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ރޭ ހުރަވީ ސުކޫލުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ކުއްޖަކުވެސް މަތީ ތަޢުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށް ދިޔަނަމަވެސް އިސްލާމްދީނުގައި ހިފަހައްޓައި މައިންބަފައިންނާއި ބެލެނިވެރިން ކުދިންނަށް ތަޢުލީމު ހާސިލްކޮށްދިނުމަށްޓަކައިވާ ޤުރުބާނީ ހަނދާން ބެހެއްޓުމަށް އެދިވަޑައިގަންނަވާފައެވެ.
މަތީ ތަޢުލީމު ހާސިލުކުރާ ފަރާތްތަކަށް މިއަންނަ އަހަރުން ފެށިގެން ފަހި ފުރުސަތުތަކެއް މިސަރުކާރުން ހުޅުވައިލައްވާނެކަމުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހީންނަށް ޚާއްޞަ ވަޒީފާތައް ގިނަކޮށް، އަދާކުރާ ވަޒީފާއާ އެކަށީގެންވާ ރަނގަޅު މުސާރައެއް ދިނުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށެވެ.
އަދި މިސަރުކާރުގެ ވަޢުދާ އެއްގޮތަށް ޤައުމު ބިނާކުރަން އިސްކަން ދޭގޮތަށް މީހުން ބިނާކުރަން ދައުލަތުގެ ބަޖެޓުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މަތީ ފެންވަރަށް ކިޔަވައިގެން ތިބޭ މޮޅު މީހުންނަށް ބޮޑު މުސާރައެއް ދިވެހި ސަރުކާރުން ދިނުމަށްޓަކައި އަންނަ އަހަރުން ފެށިގެން 200 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚާއްޞަކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

