ހދ.ކުޅުދުއްފުށި ސިޓީގައި، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ)ގެ ހިދުމަތްތައް ރަސްމީކޮށް ފަށައިފިއެވެ.
ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ މައި ހޯލް ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްއެވެ.
ކުޅުދުއްފުށީގައި ވެމްކޯއިން ކުނި ނަގާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން 10 ޖެހުމާއި ހަމައަށެވެ. އަދި ހުކުރު ދުވަހު ކުނި ނަގާނީ މެންދުރުފަހު 1 ޖަހާއިރުކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން އެސިޓީގައި ކުނި ނަގަމުންދާނީ ގޭބިސީތަކުން 150 ރުފިޔާއެވެ. އަދި ވިޔަފާރިތަކުން ކޮންމެ ލީޓަރަކަށް 16 ލާރިއެވެ. އަދި ސަރުކާރު އޮފީސްތަކުން ކޮންމެ ލީޓަރަކަށް 1.27 ލާރިއެވެ.
އަދި އަމިއްލަ ގޮތުން ކުނި އުކަން ބޭނުންވާ އާއްމުން ބޭނުންކުރާ އުޅަނދުގެ ރަޖިސްޓްރީއަށް ބިނާކޮށްޓަނަކަށް 108 ރުފިޔާގެ ގޭޓް ފީއެއްކަމަށް ވެމްކޯއިން ބުނެއެވެ.
ވިޔަފާރި އުސޫލުން ކުނި އުކާނަމަ، ގޭޓް ފީގެ ގޮތުގައި 2660 ރުފިޔާގެ ރޭޓުން ޚިދުމަތް އަގުކުރުމަށް ހަމަޖެހިފައިވާކަމަށް ވެމްކޯއިން ބުނެއެވެ.

