މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ހަ ދާއިރާއެއްގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީން ފަސް ދާއިރާއެއް ނަގައި، ބޮޑު ކާމިޔާބީއެއް ހޯދުމާ ގުޅިގެން، އެ ޕާޓީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދު ބައި އިލެކްޝަން އޮތް ދާއިރާތަކަށް އިދިކޮޅު އެމްޑީޕީން  ވާދަ ކުރިއިރު، އެ ޕާޓީއަށް ކާމިޔާބުވީ، ރ. ރަސްމާދޫ ކައުންސިލުގެ ގޮނޑި އެކަންޏެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބޭއްވީ ރަސްމާދޫ ކައުންސިލްގެ އިތުރުން ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާ އާއި ރ. ރަސްމާދޫ އަންހެން މެންބަރުގެ ގޮނޑި އާއި ފ. ބިލެތްދޫ ރައީސްގެ ގޮނޑި އާއި ހުޅުމާލެ ދާއިރާ އާއި މައްޗަންގޮޅި މެދު އަދި ހެންވޭރު ހުޅަނގު ދާއިރާގެ ބައި އިލެކްޝަންއެވެ.

އެ ހަ ދާއިރާގެ ތެރެއިން ރަސްމާދޫ ފިޔަވައި އެހެން ހުރިހާ ދާއިރާއެއް ޕީއެންސީން ކާމިޔާބުކުރިއެވެ.

މާލެ ސިޓީ ކައުންސިލުން ޕީއެންސީން ނެގީ ހެންވޭރު ހުޅަނގު ދާއިރާ (ފާތިމަތު ޝައުފާ ސަލީމް) އާއި ހުޅުމާލެ ދާއިރާ (އަލީ އައިމަން) އަދި މައްޗަންގޮޅި މެދުދާއިރާ (ފާތިމަތު އިޝާން އަލީ)އެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް އަހުމަދެވެ. ބިލެއްދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ޕީއެންސީގެ އަރީހު އިސްމާއިލެވެ.