މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދާ ”މީޑިއާ މައުރަޒު 2024“ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސެއިން މުހައްމަދު ލަތީފް އިފުތިތާހު ކޮށްދެއްވައިފިއެވެ.
އިސްލާމީ މަރުކަޒުގައި ކުރިއަށްދާ މި މައުރަޒު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިފުތިތާހު ކޮށްދެއްވީ މިއަދު މެންދުރުފަހުއެވެ.
މީޑިއާ މައުރަޒު 2024 އަކީ ފާއިތުވި އަށް މަސް ދުވަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައިވާ އިސްލާމީ ދާއިރާއިން ހާސިލްކުރެވިފައިވާ ކަންކަން މީޑިއާއާއި ހިއްސާކުރުމަށްޓަކައި ބާއްވާ މައުރަޒެކެވެ.
މި މައުރަޒު ކުރިއަށްދާނީ މާދަމާ 22 ޖުލައި 2024 ވާ ހޯމަ ދުވަހުގެ އިރުއޮއްސި ހަ ޖަހަންދެންނެވެ.
މި މައުރަޒު އިފުތިތާޙުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހުރިއްޔާގެ ނައިބު ވަނީ ވަކިވަކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި މައުލޫމާތު ސާފުކުރައްވާފައެވެ.
މި މައުރަޒުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކޮންމެ ސެކްޝަނެއްގެ ވަކިވަކި ސްޓޯލް ތައްޔާރުކޮށްފައިވެއެވެ.
އަދި ޤުރުއާނާބެހޭ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސް އަދި ފަތުވާ މަޖިލިސް ހިމެނޭހެން ޖުމްލަކޮށް މި މައުރަޒުގައި ހިމެނެނީ 9 ސްޓޯލެވެ.
އަދި މީގެން ކޮންމެ ސްޓޯލަކުންވެސް އެ ދާއިރާއަކުން ކުރަމުންދާ މަސައްކަތްތަކާއި މިހާރު ހާސިލްކުރެވިފައިވާކަންކަމާއި އަދި ކުރިއަށް ރޭވިފައިވާ ކަންކަން ހިއްސާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މި މައުރަޒުގައި ”ސްޓެޓިސްޓިކްސް“ ނުވަތަ ތަފާސްހިސާބު ދައްކައިދިނުމަށާއި މައުލޫމާތު ކުރުކޮށް ފަސޭހަކޮށް ފޯރުކޮށްދިނުމަށް ޕޯސްޓަރުތައް ބަހައްޓާފައިވެއެވެ.
މިއީ މިފަދަ ގޮތަކަށް މީޑިއާއަށް ހާއްސަކޮށް މައުރަޒެއް މިނިސްޓްރީއަކުން ބާއްވާ ފުރަތަމަ ފަހަރެވެ.

