ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މުހިންމު ކަންތައްތަކެއް ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު މިކަމާ ގުޅޭގޮތުން ނިންމެވި ނިންމެވުންތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށަކާއި ރިޒޯޓްތަކާއި ސިނާޢީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތާއި 10 އިނގިލީގެ ފިންގަރޕްރިންޓް އަދި ފޭޝަލް ރިކޮގްނިޝަން ނަގައި އެ ބިދޭސީމީހާ ދެނެގަތުމާއި ގަވާއިދާ ހިލާފަށް ދިރިއުޅޭ ފަރާތްތައް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރރޭޝަން ޕްރޮގްރާމެއް ހިންގުމާ އަދި އަމިއްލައަށް އެނބުރި ޤައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެސިސްޓެޑް ވޮލަންޓަރީ ރިޓާން (އޭވީއާރު) ޕްރޮގްރާމް ހިންގުން ހިމެނެއެވެ.

އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ތަންފީޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ކުރައްވާނެ ކަންތައްތަކެއް ވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވިއެވެ. އޭގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓް އެކުލަވައިލައި އާންމުކުރުމާއި އަދި މިގޮތަށް ވަޒީފާދޭ ފަރާތުން އިހުމާލުވާނަމަ ޖޫރިމަނާކުރުމާއި އަދި އެފަފަ އަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް އެޅެމުންދާ ހުރަސްތައް ނައްތާލުމަށްޓަކައި ގަވާއިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް އޯޑިޓްކޮށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިންމެވިއެވެ.

މީގެއިތުރުން ދިވެހިރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކާ ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު) އަށް ގެންނަންޖެހޭ އިސްލާހުތައް އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.