ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެ، އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރަން، އެ ގައުމުގެ ރައީސް ޖޯ ބައިޑަން ނިންމައިފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. އުމުރުން 81 އަހަރުގެ ބައިޑަން ރިޔާސީ ރޭހުން ވަކިވާން ނިންމާފައި މި ވަނީ، އިންތިހާބަށް ހަތަރު މަސް ދުވަހަށް ވެފައި ވަނިކޮށެވެ.

މި ނިންމުމާ ގުޅޭގޮތުން މީސްމީޑިއާގައި ބަޔާނެއް އާއްމު ކުރައްވައި ޑިމޮކްރެޓްސް ޕާޓީގެ ބައިޑަން ވިދާޅުވީ، ރިޔާސީ އިންތިހާބާމެދު ނުވިސްނައި، ކުރިއަށް އޮތް ދުވަސްތަކުގައި އިސްކަން ދޭނީ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ކަމުގައެވެ.

ރިޔާސީ ރޭހާ ދުރަށް ޖެހިވަޑައިގަތުމަށް ފަހު ބައިޑަން ވަނީ، އެމެރިކާގެ ރައީސް ކަމުގެ މަގާމަށް ނައިބު ރައީސް ކަމަލާ ހެރިސްއަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ބައިޑަންގެ ނިންމެވުމާއެކު، ޑިމޮކްރެޓްސްގެ ފަރާތުން، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ފަރާތެއް ކަނޑައަޅަން ޖެހޭނެއެވެ.

އެ ކެންޑިޑޭޓު ކަނޑައަޅާނީ، އޯގަަސްޓު މަހުގައި ބާއްވާ އެ ޕާޓީގެ ކޮންވެންޝަނުގައެވެ. ޑިމޮކްރެޓްސްގެ ފަރާތުން ނެރޭ ކެންޑިޑޭޓް ވާދަ ކުރައްވަން ޖެހިވަޑައިގަންނަވާނީ، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕާއެވެ.

 

ި

ި