ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ)ގެ މިއަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ސީއެޗްއެސްއީގައި ބޭއްވި މިހަފުލާގައި އެ ސްކޫލް އިން އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްފައިވާއިރު 1ވަނަ ހޯދި ދަރިވަރުންނަށް މިހަފުލާގައި އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.
ސީއެޗްއެސް.އީއަށް 45 އަހަރު ފުރުމާއި ގުޅިގެން މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ހާއްސަ އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް މާލޭގައާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ފުރުސަތުތައް ސަރުކާރުން އިތުރުކުރެއްވުމަށް ނިންމަވާފައިވާކަމުގައި ވިދާޅުވެފައެވެ.
އޭގެ ތެރޭގައި މަތީ ސާނަވީއަށް ކިޔެވުމުގެ އިންތިޒާމު ފުރަ މާލޭގައި މިއަހަރު ސަރުކާރުން އަލުން ހަމަޖައްސެވުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ސީ.އެޗް.އެސް.އީ ގައި މިހާރު ޖުމްލަ 1073 ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލުކުރަމުންނެވެ.

