ގައުމުން ލިބެންހުރި ވަސީލަތްތަކާއި ނަފާ ބޭނުންކޮށްގެން އާބާދީއަށް އަންނަމުންދާ ބަދަލުތަކަށް ދުރާލައި ތައްޔާރުވާން ޖެހޭ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ.އައިޝަތު ޝިހާާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް“ މި ތީމުގެ ދަށުން ބޭއްވުނު 11 ވަނަ ފައިނޭންސް ފޯރަމްގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން، ދެއްކެވި ވާހަކައިގައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ، ދުވަސްވީ އާބާދީއަކަށް ތައްޔާރުވުމަކީ މިހާރުއްސުރެ ފަށަންޖެހޭ މަސައްކަތެއް ކަމަށާއި، އަޅުގަނޑުމެންގެ ޤައުމުން ލިބެންހުރި އިންސާނީ ވަސީލަތްތަކާއި ފައުމަށް ލިބެންހުރި އާމްދަނީ އަދި ނަފާ ބޭނުންކޮށް މިހާރުއްސުރެން މަސައްކަތްކޮށްގެން މި ގޮންޖެހުންތަކަށް ފުރިހަމައަށް ތައްޔާރުވެވިއްޖެނަމަ، މިއީ ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ދުވެލި އާ މިސްރާބަކަށް ބައްޓަން ކުރުމަށް ލިބޭ ހާއްސަ ފުރުސަތެއްކަމަށެވެ.

އޭގެ އިތުރުން 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ޒުވާނުންގެ ބޮޑު އާބާދީއެއް މި ވަގުތު އެބަ އޮތް ކަމަށާއި، މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ކަމާގުޅޭ އެންމެހާ ފަރާތްތަކަށް މިނިސްޓަރު ގޮވާލެއްވިއެވެ.

އަދި ހެޔޮވެރިކަމާއި، ދެފުށްފެންނަ ސިޔާސަތެއްގެ ތެރެއިން އިގްތިސާދީ، އިޖުތިމާއީ އަދި އީޖާދީ މަގުޗާޓަކާއެކު، ޒުވާން އާބާދީ ކުރިއެރުވޭނެ ހިތްވަރާއި ޤާބިލުކަން ރާއްޖޭގައި ހުރިކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިގޮތުން ޒުވާން މަސައްކަތްތެރިން ކުރިއަރުވާ، އެފަރާތްތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރު ތަރައްޤީ ކުރެވޭނެ ގޮތްތައް ރާވައި، ޒުވާނުންނަށް ފަހި ވަޒީފާގެ ފުރުސަތުތަކުގެ ތެރެއިން އިޤްތިޞާދީ ދުވެލި ހަލުވިކޮށް، ޒުވާނުންނަކީ މާލީ ގޮތުން ޒިންމާދާރު، މަސައްކަތްތެރި، އަދި ގައުމީ ކުރިއެރުމަށް ޖޯޝާއެކު މަސައްކަތްކުރާ ބަޔަކަށް ހެދިދާނެކަން މިނިސްޓަރު ވިދާޅުވިއެވެ.

މިގޮތުން މި ޒުވާން އާބާދީގެ ބޭނުން ފުރިހަމައަށް ކުރުމަށް މި ސަރުކާރުން ދަނީ ރޭވުންތެރިކަމާއެކު އިސްތިރާޖީ މަސައްކަތްތަކެއް ކުރަމުން ކަމަށާއި، ޒުވާނުންނަކީ މިއަދުގެ ލީޑަރުން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި މި އެންމެހައި މަސައްކަތްތަކުގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި އިޖުތިމާއީ ފޭރާމަށް އަންނާނެ ’މަލްޓިޕްލަޔަރ އިފެކްޓް‘ ވަރަށް ބޮޑުވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު އެރުވިއެވެ.

ކުރުނބާ މޯލްޑިވްސްގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރިއަށްގެންދާ މިއަހަރުގެ މި ފައިނޭންސް ފޯރަމްއަކީ ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް ޤާއިމްކުރުމަށް މުހިންމު މަޝްވަރާތަކެއް ކަމާގުޅުންހުރި ތަޖުރިބާކާރުންނާއި ފަންނީ ބޭފުޅުން އަދި ގުޅުންހުރި އެންމެހައި މުއައްސަސާތަކުގެ މަންދޫބުންގެ މެދުގައި ކުރިއަށްދިޔަ ފޯރަމެކެވެ.