މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، މިނިވަން ދުވަހުގެ ޖަލްސާ ހުކުރު ދުވަހުގެރޭ ބާއްވާނެ ކަމަށެވެ.
އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމާ މުހާތަބު ކުރައްވާނީ މި ޖަލްސާގައި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުގައެވެ.
މިނިވަން ދުވަހުގެ ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވުން އޮންނާނެއެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށް ރައީސް މުއިއްޒު މީގެކުރިން ވަނީ ނިންމަވާފައެވެ.

