އޭނާ ކުރެއްވީ މަޖާޒީ ޓްވީޓެއް ކަމަށާއި، ޕީޕީއެމް-ޕީއެންސީ އޮތީ ބަދަހިކޮށް ކަމަށް ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ ވިދާޅުވެއްޖެއެެވެ.

މުސްތަފާ މިހެން ވިދާޅުވެފައިވަނީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމަށް، ވާދަވެރި ފަރާތްތަކުން ކިޔާ އުޅޭ ނަމެއް ކަމުގައިވާ ”ޓިނު އަދުރޭ މިނަން ބޭނުންކުރައްވައި އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެން، ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުގައި ރެނދުލައިފި ކަަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ވާހަކައަށް ރައްދު ދެއްވަމުންނެވެ.

މުސްތަފާ ވިދާޅުވީ ޕާޓީގައި ރެނދެއް ނުލާ ކަަމަށާއި، ޕާޓީ އޮތީ ބަދަހިކޮށް ކަމަށެވެ.

“ އަދިވެސް ދިމާވަނީ އަދުރޭގެ ހިސާބު! މިސްރާބު ހުރީ އެމަގަށް! ބަންގީގެ އަޑު ދަނީ ފަނޑުވަމުން!“

މުސްތަފާ އިއްޔެ ކުރެއްވި ޓްވީޓެއްގައި، އިސްލާމިކް މިނިސްޓްރީން މާލޭގެ ފަސް މިސްކިތެއްގައި ބަންގީގެ އަޑު މަޑު ކުރަން އެންގި މައްސަލައަށް އިޝާރާތް ކުރައްވައި ވިދާޅުވީ އަދުރޭގެ ހިސާބު ދިމާވަމުން އަންނަ ކަމަށާއި، ސަރުކާރުގެ އަމާޒު ހުރީ ބަންގީގެ އަޑު މަޑު ކުރުމަށް ކަމަށެވެ.

މި ޓްވީޓާ ގުޅިގެން ޕީޕީއެމް-ޕީއެންސީގެ ސެނެޓަރުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދުނު ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.