އެމްޑީޕީގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ.އައިޝަތު އަލީގެ ރަސްމީ އީމެއިލްތައް ޑިލީޓް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނީ، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ބޭނުންކުރައްވަމުން ގެންދެވި ރަސްމީި އީމެއިލް 2023 ވަނަ އަހަރުގެ ތެރޭގައި ޑިލީޓް ކޮށްފައިވާ މައްސަލައެއް ހުށައަޅާފައިވާކަމަށެވެ.

އީމެއިލްތައް ފުހެލި މައްސަލަ ފުލުހުންނަށް ހުށަހެޅީ، މި މަހުގެ 25 ވަނަ ދުވަހުއެވެ.

މި މައްސަލަ ފުލުހުން ބަލަމުންދާއިރު، ރ.އައިޝަތު އަލީ ވިދާޅުވީ ވެރިކަން ނިމުނު ދުވަހު ރަސްމީ އީމެއިލް ޑިއެކްޓިވޭޓް ކޮށްފައިވާނެ ކަމަށެވެ.

އަދި މިއަދު މެންދުރު 1:15 ހާއިރު، އެ އެކައުންޓަށް މީހަކު ވަންނަން މަސައްކަތް ކޮށްފައިވާކަމަށާއި، 2023 ވަނަ އަހަރުގެ ނޮވްމެބަރު މަހުގެ 17 ވަނަ ދުވަހުގެ ފަހުން އެއެކައުންޓުން އެއްވެސް ފަރާތަކަށް އީމެއިލެއް ލިބިއްޖެ ނަމަ އެއީ އައިޝަތު އަލީގެ ފަރާތުން ފޮނުވާ މެއިލްއެއް ނޫންކަމަށެވެ.