އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބާއްވާ ”ވެލްކަމް އިންޑިއާ“ ރޯޑްޝޯގައި ބައިވެރިވެވަޑައިގަތުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެ ގައުމަށް ފުރާވަޑައިގެންފިއެވެ.
މި ރޯޑްޝޯ މިއަދު އިންޑިއާގެ ވެރިރަށް ދިއްލީގައި ފަށާނެއެވެ. މި އިވެންޓުގައި އެމްއެމްޕީއާރްސީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އަދި ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްޖީއެމް)އިން ބައިވެރިވާނެއެވެ.
އަންނަ މަހުގެ ފުރަތަމަ ދުވަހު މުމްބާއީގައި ރޯޑްޝޯއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، އަންނަ މަހުގެ ތިން ވަނަ ދުވަހު ބަންގަލޫރުގައި ރޯޑްޝޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ރާއްޖޭގެ ޗާލު ރިސޯޓުތަކާއި ސަގާފީ ތަރިކަތައް ދައްކާލުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
އަދި އިތުރުވަމުންދާ ޑިމާންޑްގެ ބޭނުން ހިފައި، އިންޑިއާގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގޫބުލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަކީ މި ހަރަކާތް ކުރިއަށް ގެންދާ އެއް ސަބަބު ކަމަށް އެމްއެމްޕީއާރްސީއިން ވަނީ ބުނެފައެވެ.

