ރާއްޖެ-އިންޑިއާ ފަތުރުވެރިކަމުގެ ދާއިރާ އިން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ކުރައްވައިފައި ވަނީ، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ޝްރީ ގަޖެންދުރަ ސިންގް ޝެކާވަތާއެކު މިއަދު ބޭއްވެބި ބައްދަލުކުރެއްވުމުގައެވެ.

މިނިސްޓަރު ފައިސަލް އިންޑިއާގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވާފައި މިވަނީ އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ’ވެލްކަމް އިންޑިއާ’ގެ ނަމުގައި މިއަދު ފެށި ރޯޑްޝޯގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން މިނިސްޓަރު ފައިސަލް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީއާއި ގެސްޓްހައުސް އެސޯސިއޭޝަން އަދި މަޓާޓޯ ގުޅިގެން ކުރިއަށް ގެންދާ ’ވެލްކަމް އިންޑިއާ‘ ރޯޑްޝޯ އިންޑިއާގެ ބޮޑު ތިން ސިޓީއެއްގައި ކުރިއަށް ގެންދާނެއެވެ. އެއީ ދިއްލީގެ އިތުރުން މުމްބާއީ އަދި ބެންގަލޫރުގައެވެ.