ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ފަށައިގެން ކުރިއަށް ގެންދާ ”ހާލު ކިހިނެއް؟“ ޕްރޮގްރާމުގެ ތެރެއިން ފާހަގަކުރެވޭ ބިދޭސީންނާއި ގުޅުންހުރި މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނާއެކު މަޝްވަރާކޮށްފިއެވެ.
އޭގެ އިތުރުން ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ވިސާ ދިނުމުގައި ދިމާވާ މައްސަލަތަކާއި، ވިސާ ދޫކުރުމުގައި އިމިގްރޭޝަނުން ގެންގުޅޭ އުސޫލުތަކާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ގޮތްތަކާއި ގުޅޭ މަޝްވަރާތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސޯޝަލް މިނިސްޓްރީން ކުރިއަށް ގެންދާ ”ހާލު ކިހިނެއް؟“ ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބަލައި، ދައުލަތުގެ ހާއްސަ ސަމާލުކަމާއި ރައްކާތެރިކަން އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއެޅުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެއާއެކު މި ޕްރޮގްރާމުގެ ތެރެއިން ފާހަގަކުރެވޭ ރައްޔިތުންގެ ކަންބޮޑުވުން ހުންނަ މައްސަލަތައް ހައްލުކުރުމަށް، އެ މިނިސްޓްރީން ގެންދަނީ ކަމާ ގުޅުންހުރި އިދާރާތަކާއި އެކު މަޝްވަރާކޮށް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

