ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އީރާނުގެ އައު ރައީސް ޑޮކްޓަރ މަސްއޫދު ޕެޒެޝްކިއާންއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި އިރާނުގެ ނުވަވަނަ ރައީސް ޑރ.ޕެޒެޝްކިއާން އެ ޤައުމުގެ ރައީސްގެ މަގާމާ ހަވާލުވެޑައިގެންނެވުމާ ގުޅިގެން ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައި ވެއެވެ.

އަދި އީރާނުގެ ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީން، އެޤައުމުގެ އައު ރައީސްގެ ދުރުވިސްނިވަޑައިގަންނަވާ ލީޑަރޝިޕާއެކު މުސްތަޤުބަލު ބައްޓަންކުރުމަށް އެ ގައުމުގެ އާންމު ރައްޔިތުންގެ އޮތް އިތުބާރާއި ޔަގީންކަން ދޭހަކޮށްދޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.

އެމަނިކުފާނުގެ މެސެޖުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

މި މެސެޖުގައި ރައީސް ވަނީ އީރާނުގެ ރައީސަށް ހެޔޮއެދުންތައް ފޮނުއްވައި އެމަނިކުފާނަށް ދުޅަހެޔޮ ސިއްހަތަކަށާއި އީރާނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާ އަދި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާފައެވެ.