މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް އަހުމަދު މުނައްވަރު އައްޔަނު ކުރައްވައިފިއެވެ.
މުނައްވަރު އެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެމަތިންނެވެ.
ގަވަރުނަރުކަމަށް އައްޔަނުކުރެއްވިކަމުގެ ލިޔުން، ކުރީގެ ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރަށް ރައީސް ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތަށްފަހު ރައީސް ވަނީ މުނައްވަރާއި ބައްދަލުކުރައްވާފައެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ގަވަރުނަރު ވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ފައިނޭންސްގެ ދާއިރާއާއި ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ވިދާޅުވީ ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށެވެ.
އަޙްމަދު މުނައްވަރު ގަވަރުނަރުގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން 12 ޑިސެންބަރު 2023 އިން 22 ޖުލައި 2024 އާ ހަމަޔަށް ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައެވެ.
އަދި އަޙްމަދު މުނައްވަރު މީގެ ކުރިން ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.

