ވިލިމާލޭގައި ތަރައްގީކުރަން ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީގެ ޓެކްނިކަލް ކަންކަމާ ގުޅޭގޮތުން، މި މަޝްރޫއުގެ ކީ ސްޓޭކްހޯލްޑަރުން މަޝްވަރާކުރައްވައިފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަޝްރޫއުގެ އިސް ސްޓޭކްހޯލްޑަރުން ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާއި ކޮންސްރަކްޝަން މިނިސްޓްރީގެ ޓެކްނިކަލް ޓީމާއެކު ފީސިބިލިޓީ ސްޓަޑީގެ ޓެކްނިކަލް ކަންތައްތަކާއި ހޮސްޕިޓަލުގެ އޮޕަރޭޝަނަލް އަދި ފަންކްޝަނަލް ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓު ކޯޕަރޭޝަން އެޖެންސީ އާއި މާލެ ސިޓީގެ ހޮސްޕިޓަލުތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެ މަޝްރޫއުގައި ހަރަކާތްތެރިވާ ޓެކްނިކަލް ޓީމުން ވެސް ބައިވެރިވެފައިވެއެވެ.

ވިލިމާލޭގައި އަޅާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރަން ބޭނުންވާ ހިލޭ އެހީ ޗައިނާއާއެކު ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަ ކުރެއްވީ، މިދިޔަ ޖެނުއަރީ މަހުގައެވެ.

މި އެހީ ހަމަޖެހިގެން ދިޔައީ، ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުންނެވެ.

ވިލިމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލް ތަރައްގީކުރާނީ އެކަށީގެންވާ މިންވަރަކަށް މަށާއި، ރައްޔިތުން ބޭނުންވާ ގިނަ ގުނަ ހިދުމަތްތައްވެސް އެ ތަނުން ލިބޭނެކަމަށް ސަރުކާރުން ވަނީ މީގެ ކުރީގައި ބުނެފައެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަންގް ލިޒިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލެ ހޮސްޕިޓަލު މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ، އެ ހޮސްޕިޓަލުގެ ކަމާ ގުޅުންހުރި އިދާރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތުން ކަމަށެވެ.

ވިލިމާލެ ހޮސްޕިޓަލު މަޝްރޫއުގެ ސާވޭ ހެދުމަށް ޗައިނާއާ ހަވާލު ކުރީ މިދިޔަ މެއި މަހުގައެވެ.