ދިވެހިރާއްޖޭގެ ދާހިލީ ކަންކަން ހަމަ މަގަށް އެޅެމުންދަނީ، ދިވެހި ރައްޔިތުން ”ގަޓު ހުރި“ ރައީސްއަކާ ގައުމު ހަވާލު ކުރެއްވުމުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ”ގަޓު ހުރި ހޯމް މިނިސްޓަރެއް، ބިރު ގަންނާނެ ނިންމުންތައް އަދި ހުރީ“ މި ސުރުހީގެ ދަށުން، ”މިހާރު“ގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅޭގޮތުންނެވެ. އެ ލިޔުމުގައި ހޯމް މިނިސްޓްރީން ކުރަމުންދާ މުހިންމު ކަންކަމަށް އަލިއަޅުވާލައިފައިވެއެވެ.
އިހުސާން ވިދާޅުވީ ހޯމް މިނިސްޓްރީން ތަންފީޒު ކުރައްވަމުންދަނީ ރައީސް މުއިއްޒުގެ ފުރިހަމަ ނިންމެވުންތައް ކަމަށެވެ.
”މިއީ ރައީސް ވައުދުފުޅުވި އަމާން ރާއްޖެއަކަށް މި ގައުމު ހެއްދެވުމަށް އެމަނިކުފާނު ކަނޑައަޅުއްވާފައި ހުރި ސިޔާސަތުތައް.“މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް މުއިއްޒުއަށްޓަކައި ފަހުރުވެރިވާ ކަމަށާއި، އެމަނިކުފާނުގެ އަރިހުގައި ގައުމަށް ހިދުމަތް ކުރަން ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި މިނިސްޓަރު ސިފަ ކުރެއްވިއެވެ.

