ރާއްޖޭގައި ގޭންގުތައް ހަދައިގެން ކުށް ކުރަމުން ނޫޅެވޭނެ ކަމަށާއި، އެކަން ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އޮންލައިން ނޫސް ”މިހާރު“ އަށް ދެއްވި އިންޓަވިޔުއެއްގައެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތައް ހުއްޓުވާނެކަމާމެދުގައި އެއްވެސް ޝައްކެއް ނެތް ކަމަށާއި، މިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ”ވަރަށް ކްލިއަރ“ ގައިޑެންސް އޮތް ކަމެއް ކަމުގައެވެ.

މިނިސްޓަރު ވިދާޅުވީ މިކަން ހާސިލު ކުރުމަށްޓަކައި ރާއްޖޭގެ ގާނޫނުތަކަށް ގެންނާން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

“ އެ ބަދަލުތައް އައުމާއެކީގައި، އަޅުގަނޑުމެން ނަގާ އެކްޝަންސްތައް ފެނިގެންދާނެ ތިބޭފުޅުންނަށް.“ މިނިސްޓަރު ވިދާޅުވިއެވެ.

ގޭންގުތަކުގައި ހިމެނޭ ފަރާތްތަކުން ވިޔަފާރި ކުރުން ފަދަ މައްސަލަތައް ހައްލު ކުރަން ބޭނުންވާ ބަދަލުތައް ގެންނާނެ ކަމަށާއި، މިއީ މި ސަރުކާރުން ”ޑެލިވަރ“ ކުރާނެ ކަމެއްކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ގާނޫނަށް ގެންނާން ޖެހޭ އިސްލާހުތައް ގެނައުމަށްފަހުގައި، ގޭންގުތަކުގައި ހަރަކާތްތެރިވާ މީހުންގެ ނަންތައް ވެސް ހާމަ ކުރައްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.