އީރާންގެ ވެރިރަށް ތެހެރާނަށް ޔަހޫދީން ދިން ހަމަލާއެއްގައި, ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރު، އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މި މައްސަލައިގައި ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި، ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ގާނޫނުތައް ނަގަހައްޓައި، ޣައްޒާގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ގޮވާލާފައިވެއެވެ.
އަދި އެ ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމަށް ހުރިހާ ގައުމުތަކަކުން ގުޅިގެން މަސައްކަތްކުރުމަށް ވެސް ގޮވާލާފައިވެއެވެ.
ޔަހޫދީންގެ ހަމަލާގައި އަވަހާރަ ކޮށްލި ހަނިއްޔާ ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާގެ މަގާމަށް އައްޔަން ކުރީ 2017 ވަނަ އަހަރުގެ މެއި 06 ވަނަ ދުވަހުއެވެ.

