ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެ އެތެރެވި ނޯވޭގެ މީހަކު، ރާއްޖޭގެ ބޯޓެއްގައި މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަނެ ޑީޕޯޓްކޮށްލައިފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ރާއްޖެ އެތެރެވީ މިދިޔަ އަހަރުގެ ޑިސެމްބަރު 20 ގައި ކަމަށާއި، ވިސާގެ މުއްދަތު ހަމަވުމުން އަނބުރާ ގައުމަށް ނުގޮސް ރާއްޖޭގެ ބޯޓެއްގައި މަސްވެރިކަމުގެ މަސައްކަތްކޮށް، ދިރިއުޅެމުންދިޔަ ކަމަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި އޭނާ އަތުލައިގަތީ ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ނަމަވެސް އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.