ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމްންޓް މިނިސްޓްރީން ފަށައިގެން ކުރިއަށް ގެންދާ ސައިން ލޭންގުއޭޖް ކޯހުގެ އަމާޒަކީ ހިދުމަތްދޭ ހުރިހާ ތަނެއްގައި ވެސް އިޝާރާތް ބަސް އެނގޭ ބަޔަކު ތަމްރީނުވެ، ހިދުމަތްދެވެން ފެށުން ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އިޖުތިމާއީ އަދި އާއިލީ ދާއިރާއިން ސަރުކާރުގެ ސިޔާސަތު ހިއްސާކުރެއްވުމުގެ ގޮތުން ދެއްވެވި ހާއްސަ ބަސްދީގަތުމެއްގައެވެ.

އިންކްލޫސިވް ސޮސައިޓީއެއް، ނުވަތަ އެންމެން އެއްހަމައެއްގައި ތަފާތުކުރުމެއްނެތި ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަށް އެންމެހައި ފަރުދުންގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި މިފަދަ ކޯސްތަކުގެ ޒަރީއާއިން އެ ގުޅުންތައް ބަދަހިވެ، ވަރުގަދަވުމަށް މަގުފަހިވެގެންދިއުމީ ހާސިލުކުރަން ބޭނުން މަގުސަދު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސެލްފް-ޕޭސްޑްކޮށް ދެވިފައިވާ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ފަރުމާ ކުރެވިފައިވާ މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ލެވެލްއަކަށެވެ.

މިގޮތުން މި އޮގަސްޓު މަހު ކޯސް ފެށެނީ ލެވެލް 1 އިންނެވެ.އެ އަށްފަހު ލެވެލް 2 އަދި 3 ފެށިގެންދާނެކަމަށް މިނިސްޓަރު މަޢުލޫމާތުދެއްވިއެވެ.

ބޭސިކް ސައިން ލޭންގުއޭޖް ކޯހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އިޝާރާތުން މުއާމަލާތުކުރުމަށް ފަރުމާ ކުރެވިފައިވާ ކޯހެކެވެ.

އުންމީދަކީ މި ކޯހަށްފަހު ޚިދުމަތްދެވޭ ކޮންމެ ތަނެއްގައި ވެސް އިޝާރާތްބަސް އިނގޭ ބަޔަކު ތިބުންކަން މިނިސްޓަރު އައިޝަތު ޝިހާމް ފާހަގަކުރެއްވިއެވެ.

މި ކޯހާއެކު، ސަރުކާރުގެ މުއައްސަސާތަކުން ހިދުމަތް ހޯދުމުގައި އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކުރިމަތިވާ ހުރަސްތައް ކުޑަކުރެވި، އެ ފަރާތްތަކަށް ވެސް މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ހަމަޔަށް ވާސިލުވެވޭނެކަމަށް ގާބޫލުކުރެވޭ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެއެވެ.