ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޒާތީ ދިރިއުޅުމާ ބެހި މަލާމާތް ކުރުމުން، ވެއްޓިގެންދަނީ ތިމާގެ އަގު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ. މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ގުޅުވައިގެން ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ދެއްކެވި ޒާތީ ވާހަކަތަކަކަށް، އެ ޖަލްސާގެ ކުރީ ސަފުގައި ހުންނަވައިގެން ޔާމީން ހިތްވަރު ދެއްވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޝުޖާއު ވިދާޅުވީ ޔާމީންގެ ފެންވަރު މިހާ ދަށުދަރަޖައަށް ދިއުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އަދި މިއަށް ކިޔަނީ ޒާތީވުން ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ޕީއެންސީން އިދިކޮޅުގައި ތިބިއިރު އެމްޑީޕީން ޔާމީންގެ ޒާތީ ކަންކަމާ ނުބެހޭ ވަރަށް ރައީސް މުއިއްޒުގެ ޒާތީ ދިރިއުޅުމާ ޔާމީން ބެހި މަލާމާތް ކުރުމުން އެވެއްޓެނީ ތިމާގެ އަގު ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސިފައަށް ހަޖޫ ޖަހައި، މަލީހު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެގެން ގޮސްފައެވެ.