އިނގިރޭސިވިލާތުގައި މުސްލިމުންނާ ދެކޮޅު މުޒާހަރާތަކެއް ކުރަމުން ދާތީ ދިވެހިން ސަމާލުވާން ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތުޕޯޓުގައި ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހިތާމަވެރި ހާދިސާގައި ތިން ކުޑަ ކުދިން މަރުވުމާ ގުޅިގެން، މުސްލިމުންނާ ދެކޮޅަށް ސިލްސިލާ ގޮތެއްގައި ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި އެ ތަނަށް ދަތުރުކުރާ ދިވެހިން، އަދި ވަކިން ހާއްސަކޮށް ސައުތުޕޯޓް އަދި އެތަނުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން، އިތުރު ސަމާލުކަންދިނުމަށް އިލްތިމާސްކުރާކަމަށެވެ.

މިނިސްޓްރީގެ އެދުމަކީ އެންމެހައި ފަރާތްތަކުން އިންތިހާއަށް ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މައުލޫމާތު ހޯދަމުން ގެންދިއުމާއެކު، އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުން ކަމުގައި ވެސް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވެއެވެ.

މީގެ އިތުރުން، އަމަންއަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުހެލިވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.

އަދި އެއްވެސް ބާވަތެއްގެ ކޮންސިއުލަރ އެހީތެރިކަމެއް ބޭނުންވާނަމަ، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުމަށް މިނިސްޓްރީން އެދިފައިވެއެވެ.