ސްޓެލްކޯގެ އިންޖީނަކީ އެ ކުންފުނީގެ މުރާލި، ގާބިލު މުވައްޒަފުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ މުވައްޒަފުން މަސައްކަތުގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އެކްސްގައި ހިއްސާ ކުރައްވައި ފަހުމީ ވިދާޅުވީ އެ ކުންފުންޏަކީ ސައްތައިން ސައްތަ ދިވެހީންގެ ކުންފުންޏެއް ކަމަށެވެ.
އަދި ކުންފުނީގެ އިންޖީނަކީ މުރާލި، ގާބިލު މުވައްޒަފުން ކަމަށެވެ.
”މިއަދު ސްޓެލްކޯގެ އުމުރާނީ ތަރައްގީއާއި އިގްތިސާދީ ދުޅަހެޔޮކަމަށް ކުރެވެމުންދާ މަސައްކަތުގެ މުގުލުގައި ތިބީ ސްޓެލްކޯގެ ހީވާގި މުވައްޒަފުންނެވެ. ރެއާދުވާލު، އަތްވާ ވާރޭގައި ފޫހިކަމެއްނެތި ގައުމީ ލޯތްބާއި ފޯރިއާއި ޖޯޝުގައި ކުރަމުން ގެންދަނީ ފައިސާއިން މިނައި، އަގުކުރެވޭ ވަރަށްވުރެ ބުރަ ގައުމީ މަސައްކަތްތެކެވެ. އެހާމެ މަތިވެރި، ޝަރަފުވެރި މަސައްކަތެކެވެ.“ ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވި ގޮތުގައި، ސްޓެލްކޯ މުވައްޒަފުން ވަރުގަދަ އަޒުމުގައި ސާބިތުކޮށްދެމުން ދަނީ ދިވެހީންނަށް ނުކުރެވޭނެ އެއްވެސް މަސައްކަތެއް ނުދެއްކޭނެކަން ކަމުގައެވެ.
”ކުޅަދާނަމަކާއި ޖޯޝެކެވެ. އުފާވެރިކަމާއި ހިނިތުންވުމެކެވެ. ފޫހިކަމެއް، ވަރުބަލިކަމެއް ނެތެވެ. ތާރީޚުގައި ޒިކުރާވާނެ ފަންވަރެކެވެ. މި މަސައްކަތްތައް ނުހަނު ގާތުން އަޅުގަނޑު މިދަނީ ދުވަހުން ދުވަހަށް ބަލަމުންނެވެ. މުވައްޒަފުންނާ ބައްދަލުކޮށް ހިތްވަރު ދެމުންނެވެ. މި މުވައްޒަފުންނަށް އަޅުގަނޑުގެ ހިތުގައި އޮތް ލޯތްބާއި ކުލުނު މަތިވެރި އެވެ.“
ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ހީވާގި މުވައްޒަފުންނަށް އަބަދުމެ އައްސަރިބަހާއި ސާބަސް ރައްދުކޮށް އެމުވައްޒަފުންގެ އަގު ވަޒަންކުރާ މީހެއްގެ ގޮތުގައި ދެމިހުރުމުގެ ހެޔޮ ތައުފީގު މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށެވެ. އުއްމީދަކީ މުވައްޒަފުންގެ ބައިވެރިވުމާއެކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސާދީ ސިޔާސަތު ސްޓެލްކޯގައި ތަންފީޒުކުރެވި، މާ އުފާވެރި، މާ ފާގަތި މާދަމާއެއް ހޯދުން ކަމުގައި ވެސް ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.

