އޯލެވެލް ނިންމާ ދަރިވަރުންނަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތްކުރުމުގެ ފުރުސަތު ދިނުމަށް ނިންމަފައިވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ އޯ ލެވެލް ނިންމާފައިވާ ޒުވާނުންނަށް ވޮލަންޓިއާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ މަގުސަދަކީ ކިޔަވައި ނިމިގެން ވަޒިފާގެ މާހައުލަށް ނުކުންނަން ބޭނުންވާ ދަރިވަރުންނަށް މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމާ އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެއްދުން ކަމަށެވެ.

މިއަދު މިނިސްޓްރީން ބުނީ ގްރޭޑް 10 ނިންމާފައި ތިބި ދަރިވަރުންގެ ތެރެއިން ވޮލަންވިއަރކޮށް މަސައްކަތް ކުރަން ބޭނުންވާ ދަރިވަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން މިކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގައި މަސައްކަތްކުރަން ޝައުގުވެރިވާ ދަރިވަރުން ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުމާ ސީވީ އާއި އައިޑީ ކާޑުގެ ކޮޕީގެ އިތުރުން 18 އަހަރު ފުރިފައި ނުވާނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހިމެނެއެވެ.

ތިން މަސް ދުވަހަށް ދޭ މި ފުރުސަތުގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަމުގެ ސެޓްފިކެޓެއް ލިބޭނެއެވެ.

އަދި ތިން މަަހަށް ވުރެ އިތުރަށް ވެސް މަސައްކަތް ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް ލިބޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.