ސުނާމީ ކާރިސާއަކަށް އިޖާބަ ދިނުމަށް މުޖުތަމައުތަކުގެ ތައްޔާރުކަމާއި، ވިލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި ޕްރޮގްރާމެއް ހިންގުމަށް ތައްޔާރު ވެއްޖެއެވެ.

މިއީ  ޔުނެސްކޯ އާއި އިންޓަރ ގަވަރމެންޓަލް އޯޝަނޯގްރެފިކް ކޮމިޝަން (އައިޖީއޯސީ)އާއި އިންޑޮނޭޝިއާގެ މޫސުމާއި ބެހޭ އިދާރާ ބީ.އެމް.ކޭ.ޖީ އިން ގައުމުތަކުގައި ކުރިއަށް ގެންދާ ނެޝަނަލް ސުނާމީ ރެޑީ ޓްރެއިނިން ޕްރޮގްރާމްއެވެ.

މި ޕްރޮގްރާމަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ގުޅިގެން ދިވެހިރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

އެންޑީއެމްއޭ އިން ބުނީ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަކީ ކާރިސާގެ ކަންކަމަށް އަހުލުވެރި، ކާރިސާތަކަށް ތައްޔާރުވެ ތިބި ބަޔަކަށް ހެދުމަށާއި، ކާރިސާއެއް މެދުވެރިވެއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތުގެ ގޮތުގެ ތަމްރީނާއި އެކަމުގެ ހުނަރު އަދި މައުލޫމާތު ލިބިފައިވާ ވިލުންތެރި ރައްޔިތަކު ދިރިއުޅޭ ތަނަކަށް ހެދުމަށް އެ އޮތޯރިޓީން  ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ސުނާމީ ރެޑީ ޕްރޮގްރާމަކީ ސުނާމީ ކާރިސާއަކަށް އިޖާބަ ދިނުމަށް މުޖުތަމައުތަކުގެ ތައްޔާރުކަމާއި، ވިލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމްއެކެވެ.

މި ޕްރޮގްރާމްގެ ދަށުން ސުނާމީ ކާރިސާއެއްގެ ސަބަބުން ރައްޔިތުންގެ ފުރާނައާއި، ބިނާރާއި، ދަނޑުބިމާއި، ކައިބޮއި ދިރިއުޅުމަށް ކުރަމުން އައި އެންމެހައި މަސައްކަތްތައް ނެތި ގޮސް ލިބިދާނެ ބޮޑެތި ގެއްލުންތަކުން ރައްކާތެރިވުމަށް އެކަށައެޅޭ އިސްތިރާޖީ ތަކާއެކު ރާއްޖޭގެ ރަށްރަށަކީ ”ސުނާމީއަށް ތައްޔާރު“ ރަށްރަށްކަން ފާހަގަ ކުރެވިގެންދާނެ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

މި ތަމްރީން ޕްރޮގްރާމް ރާއްޖޭގައި ފެށުމުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ރާއްޖޭގެ ރަށްރަށުގައި މިތަމްރީން ޕްރޮގްރާމް ހިންގާނެ ފެސިލިޓޭޓަރުން ތަމްރީން ކުރުމަށް 2024 އޮގަސްޓް 5 އިން 7 އަށް ޓްރެއިން އޮފް ޓެރެއިނާސް (ޓީއޯޓީ) ޓްރެއިނިންގ އެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިތަމްރީން ޕްރޮގްރާމްގައި މިނިސްޓްރީ ތަކާއި އެކިއެކި ވުޒާރާތަކާއި، ސިޓީ އަދި ރަށުކައުންސިލްތަކާއި، ޖަމިއްޔާ ޖަމާއަތްތަކުންނާއި އެކިއެކި ކުންފުނިތަކުން 40 އަށް ވުރެ ގިނަ ބައިވެރިން ތަމްރީނުކުރެވިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ތެރޭގައި އެންޑީއެމްއޭ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް، ދިވެހި ފުލުހުންނާއި ސިފައިން، ދިވެހި ރެޑްކްރެސެންޓް އަދި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތައް ހިމެނެއެވެ.

މި ޕްރޮގްރާމް ފަށާނީ މި މަހުގެ 05 ވަނަ ދުވަހުގެ ހެނދުނު، ކަސްޓަމްސް ހޯލުގައެވެ.

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އެރި ސުނާމީގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރިއެވެ.

82 މީހުން މަރުވެ 26 މީހުން ގެއްލުނު އެކާރިސާއަކީ، ރާއްޖޭގެ އުމުރާނީ ތަރައްގީ އާއި އިގްތިސާދު ފުނޑުފުނޑުވެ، ގައުމުގެ ތަރައްގީ އެތައް އަހަރެއް ފަހަތަށް ސޮއްސާލި  ކާރިސާއެކެވެ.