ޑޮކްޓަރަށް ދެއްކޭނެ ދުވަސް ދުރާލާ އެނގޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުގެ މައި ހޮސްޕިޓަލު، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ ޑރ. ޝާހު މާހިރު ވިދާޅުވީ، އެ ހޮސްޕިޓަލުންވެސް ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލުގެ އެޕޮއިންޓްމަންޓް ސިސްޓަމް އަވަސް ކުރަންޖެހޭ ކަމަށެވެ.

މިހާރު އޮންނަ ގޮތުން ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތް، ވެއިޓިންގ ލިސްޓަށް ދާއިރު، އެޕޮއިންޓްމަންޓް ލިބޭނެ ދުވަހެއް ނޭނގެއެވެ.

ނަމަވެސް ޑރ ޝާހު ވިދާޅުވި ގޮތުގައި، އާ އެޕޮއިންޓްމަންޓް ސިސްޓަމަކަށް ބަދަލު ކުރުމުން ވެއިޓިން ލިސްޓް ތާރީހުތަކަކަށް ބަހާލާނެ ކަމަށެވެ.

އޭރުން ކޮންމެ މީހަކަށްވެސް އެމީހަކަށް ޑޮކްޓަރަށް ދެއްކޭނެ ދުވަސް ދުވަސް އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.