ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދިހަ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ މީހަކު ބަލި ކަމުން ގެޔަށް ބަދަލުކޮށްފިއެވެ.

Ads by Asuru

ގެޔަށް ބަދަލުކޮށްފައި ވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ ޏ.ފުވައްމުލައް، މިސްކިތްމަގު ލީނާގެ، ފަރުހާދުއެވެ.

އިތުރު ދެ މީހަކާ ގުޅިގެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަ ފަރުހާދުގެ މައްޗަށް ސާބިތުވެފައިވާއިރު، ތިން މީހުން ވަނީ ފުވައްމުލަކުގައި އުމުރުން 14 އަހާއި 16 އަހަރުގެ ދެ ކުދިންނަށް އެކި ފަހަރު މަތިން ޖިންސީ ގޯނާ ކޮށްފައެވެ.

ފަރުހާންގެ އިތުރުން މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ އިތުރު ދެ މީހުންނަކީ ފުވައްމުލަކު ސިޓީ، ފުނާޑު، ގިފްޓް، އަޙްމަދު ޢާޞިމް، އާއި ހަމަ އެ އަވަށު ނިކަ، މުޙައްމަދު ޙުސައިންއެވެ.

މި ތިން މީހުންނަށްވެސް ކޯޓުން ވަނީ މިމަހުގެ ހަތްވަނަ ދުވަހު ދިހަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ

ޖިންސީ ގޯނާގެ މި މައްސަލައަކީ 2014 ވަނަ އަހަރުގެ ތެރޭގައި ފެންމަތިވި މައްސަލައެކެވެ. ފަރުހާދު ހިންގި ފޮޓޯ ނަގާ ތަނެއްގައި ކުޑަ އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އޭރު ފެންމަތިވިއެވެ.