ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، މ. ކޮކާ ހަނދުވަރުގެ، މުހައްމަދު ނިމާލް، މިއަދު އައްޔަނުކުރައްވައިފިއެވެ.

މީގެ ކުރިން ނިމާލް ވަނީ މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު އަދާކުރައްވާފައެވެ. އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ މަގާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް މުޙައްމަދު ނިމާލު އަދާކުރައްވާފައިވެއެވެ.

މީގެ އިތުރުންވެސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި، ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުވެސް ނިމާލް ވަނީ ފުރުއްވާފައެވެ.

މުޙައްމަދު ނިމާލް ވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ބިޒްނަސް (މާކެޓިންގ) ހާސިލްކުރައްވާފައެވެ.