ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސިލެންސީ ގޮލަމް ސަރްވާރް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މިބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ސާކްގެ ފަރާތުން މެންބަރު ގައުމުތަކުގެ ކުރިއެރުމަށާއި ފައިދާއަށް ހިންގަވާ އެކިއެކި ޕްރޮގްރާމުތަކުގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވައި މި ބައްދަލުކުރެއްވުމަށް ވަގުތުކޮޅެއް ދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ސާކްގެ ކުރިއެރުމަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވައި، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅަށް ތައުރީފުކުރެއްވިއެވެ.
އަދި ސަރަހައްދީ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އުންމީދު ރައީސުލްޖުމްހޫރިއްޔާ އައުކުރެއްވިއެވެ.
ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި، 1985 ވަނަ އަހަރު ސާކް އުފެދުނީއްސުރެ، ދިވެހިރާއްޖެއަކީ އެ ޖަމުއިއްޔާގެ ކުރިއެރުމާއި ތަރައްގީއަށް ނުހަނު ހިދުމަތްތެރި މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ.
ސާކް ރަސްމީކޮށް އުފެއްދުމަށް ސާކް ޗާޓަރުގައި ސޮއިކުރީ 1985 ޑިސެމްބަރ 8 ވަނަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް، ޑާކާގައެވެ. ދިވެހިރާއްޖެއަކީ ސާކްގެ ފައުންޑިންގ މެންބަރު ގައުމެއްވެސްމެއެވެ.

