ދައުލަތް ނަގާ ކޮޅަށް ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަރަށް ބުރަ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސް މުއިއްޒު، ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހެއްދެވުމަށް ވަރަށް އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްވުން ގެންދަވާ ކަމަށެވެ.

”ދައުލަތަށް އާމްދަނީ ހޯދުމަށްޓަކާ ވަރަށް ބުރަ މަސައްކަތްތަކެއް އެބަ ކުރައްވާ.“ ‏އޭނާ ވިދާޅުވިއެވެ.

އޭނާގެ ވާހަކައިގައި ތިލަމާލެ ބްރިޖާއި، އިގްތިސާދީ ކުރިއެރުމާ ގުޅިފައިވާ އެއާޕޯޓު މަޝްރޫއުގެ ދުވެލި، މި ސަރުކާރުގައި ހަލުވި ވެފައިވާކަން ފާހަގަކުރެއްވިއެވެ.

ކަންކަން ނުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑު ކިޔަމުން އަންނަކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ އެއްވެސް ސަރުކާރަކަށް ވެރިކަމުގެ 07 ނުވަތަ 08 މަސް ދުވަސް ތެރޭގައި އެއްވެސް ސަރުކާރަކަށް މަޝްރޫއުއެއް ފަށައި، ނިންމައިނުލެވޭ ކަމުގައެވެ.

ައޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ގުޅުވައިގެން ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާ ކަމަށާއި، ރައްޔިތުންގެ އިތުބާރު  ސަރުކާރަށް އެބައޮތް ކަމަށެވެ.

އެގޮތުން ފަލާހު ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ކޮންގްރެސް ޕާޓީއަށް ދިން ބޮޑު އަޣްލަބިއްޔަތު ފާހަގަކުރައްވައިފައެވެ.