ޓެކްނޮލޮޖީ ކުރިއަރަމުންދާއިރު އެއްވެސް ފަރާތެއް ހަވާސާވެ ބާކީ ނުވާ ގޮތަށް، އެންމެންގެ ބައިވެރިވުން އޮންނަ، ޓެކްނޮލޮޖީއަށް އަހުލުވެރި މުޖުތަމަޢެއް ބިނާކުރުމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އުރީދޫ މޯލްޑިވްސްއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ޢާއިލީ ގުޅުންތައް ބަދަހިކޮށް، މުޖުތަމަޢުގައި ހީނަރުވަމުންދާ ގުޅުންތައް ވަރުގަދަކުރުމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރެވޭނެ ގޮތްތަކަށް ވަނީ އަލި އަޅުވާލާފައެވެ.
ޓެކްނޮލޮޖީ ބާރު ސްޕީޑެއްގައި ކުރިއަރަމުންދާއިރު، މި ބަދަލުތަކަށް މުޖުތަމަޢުގެ އެންމެހައި ފަރާތްތައް ތައްޔާރުވެފައި ތިބުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
މިގޮތުން މި ބައްދަލުވުމުގައި ޢާއިލާތަކަށާއި، ޖުމްލަކޮށް މުޅި މުޖުތަމަޢަށް ފައިދާހުރި ގޮތަކަށް އާންމު ދިރިއުޅުމުގެ ތެރޭގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ.
ޑިޖިޓަލް ދުނިޔޭގައި ބޭނުންވާ ހުނަރާއި އެކްސެސް، ނުވަތަ މި ޕްލެޓްފޯމުތައް ބޭނުންކުރުމުގެ އިޚްތިޔާރާއި ކުޅަދާނަކަން މުޖުތަމަޢުގެ ކޮންމެ ފަރާތަކަށް ލިބިފައިވުމަކީ ނުހަނު މުހިންމު ކަމެއްކަން ފާހަގަކޮށް، ޖެންޑަރ މިނިސްޓްރީން ބުނީ ރައްކާތެރިކަމާއެކު ޓެކްނޮލޮޖީ ބޭނުންކޮށް، އޭގެ ޒަރީއާއިން ލިބޭ ފުރުސަތުތަކާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަދި ދިރިއުޅުމުގެ ކަންކަމުގައި މަޝްއޫލުވެ، ދޭދޭ ގުޅުންތައް ހީނަރުވަމުންދާ މި ޒަމާނުގައި މީސް މީޑިއާގެ މަންސަތަކަކީ ޢާއިލީ ގުޅުންތައް ވަރުގަދަ ކުރުމަށް މުހިންމު ވަސީލަތްތަކެއްގެ ގޮތުގައި އެ މިނިސްޓްރީން ފާހަގަކުރިއެވެ.
މީގެ އިތުރުން، ނާޒުކު ހާލަތްތަކުގައި ހަވާސާވެފައިވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް ޓެކްނޮލޮޖީގެ ކުރިއެރުންތައް އެންމެންނަށް ލިބި، ބޭނުންކުރެވޭނެ ނިޒާމުތައް ހަމަޖެއްސުމަށްވެސް މަޝްވަރާކުރެވުނެވެ.
ޖެންޑަރ މިނިސްޓްރީއާ އުރީދޫ މޯލްޑިވްސްއިން ގުޅިގެން ކުރެވޭ މަސައްކަތުގެ އަމާޒަކީ އެއްވެސް ފަރުދަކު ބާކީ ނުވާ، އޯގާތެރި، ގުޅުންތައް ބަދަހި މުޖުތަމަޢެއް ބިނާކުރުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެއާއެކު މި މަޝްވަރާތަކުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ޖެންޑަރ މިނިސްޓްރީން ހިންގާ އެންމެހައި ޕްރޮޖެކްޓުތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ކުރުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

