ރާއްޖެއަށް އިންޑިއާގެ ފޮރިން އިންވެސްޓްމަންޓް ގެނައުމާ ގުޅޭގޮތުން އެގައުމުގެ ޓޫރިޒަމް މިނިސްޓަރު ޝްރީ ގަޖެންޑްރަ ސިންހްއާ މަޝްވަރާ ކުރައްވާފައިވާނެ ކަމަށާއި، އެކަމުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އުފައްދާފައިވާ ކުންފުނި، އެމްއެމްޕީއާރްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައިސަލް ވިދާޅުވީ އިންޑިއާ އަށް މިނިސްޓަރު މިފަހުން ކުރެއްވި ދަތުރުގައި އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރުގެ އިތުރުން، ސިވިލް އޭވިއޭޝަން މިނިސްޓަރާ ވެސް ބައްދަލުކުރެއްވުނު ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރާ މަޝްވަރާ ކުރެއްވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން ކަމަށެވެ. އެގޮތުން ރާއްޖެއަށް އިންޑިއާގެ ފޮރިން އިންވެސްޓްމަންޓް ގެނައުމާ ގުޅޭގޮތުންނާއި، ރާއްޖެ އަށް އަންނަ އެ ގައުމުގެ ފަތުރުވެރިން އިތުރު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު ވެސް ޔަގީންކަން ދެއްވި، ކުރިއަށް އޮތް ތާނގައި، އިންޑިއާގެ އެރައިވަލްސް އިތުރު ކުރުމަށް ވެސް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާނެ ކަމަށް. އަދި ރާއްޖެއަށް އިންޑިއާގެ އިންވެސްޓްމަންޓްތައް ގެނައުމުގަ، އެހީތެރި ވެދެއްވާނެ ކަމަށް.“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އޯލެވެލް ނިންމާ ދަރިވަރުންނަށް ފަތުރުވެރިކަމުގެ ދާއިރާ އިން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތުތައް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ފޮރިން މިނިސްޓަރު ދެއްވި ކަމަށް ފައިސަލް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރާއެކު މަޝްވަރާ ކުރެއްވީ ދެ ގައުމުގެ ކަނެޓްޓިވިޓީ އިތުރަށް ފުޅާ ކުރުމާ ގުޅޭގޮތުން ކަމަށެވެ.
މި މަޝްވަރާތަކާ ގުޅިގެން އިންޑިއާގެ ހައިކޮމިޝަނަރާ ބައްދަލުކުރައްވައި، ރާއްޖެއިން ހުށަހަޅަން ޖެހޭ ޕްރޮޕޯސަލްތައް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.