މިވެރިކަމަކީ ރައްޔިތުންނަށް ކޮށްދޭ ރައްޔިތުންގެ ވެރިކަމެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، މ.ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިރަސްމިއްޔާތު އޮތީ ރޭ ދިއްގަރުގެ އުތުރުފަރާތުގެ ހިއްކި ބިމުގައެވެ.

މިރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މި ސަރުކާރު އައިއިރު ރައްޔިތުން ބޭނުންވާ އެތައް ގިނަ ކަންތައްތަކެއް ހުރީ ނުފުދި ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން އެކަންކަން ކޮށްދިނުމަށް ދިއްގަރު ރައްޔިތުންނަށް ވައުދުވެފައި އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިއްގަރުގެ ތަރައްޤީއަށް މަސައްކަތްކުރުމުގައި، ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލެއް އޮތުމާއި ދާއިރާގެ މަޖިލީހުގެ މެމްބަރުގެ ފަރާތުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ކަމަށެވެ. އަދި އެއީ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި ސަރުކާރަށް ލިބުނު ވަރަށްބޮޑު ފަސޭހައެއް ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑު މިދަންނަވަނީ، ޚިޔާލު ތަފާތުވުން ނުހުންނާށެކޭ ނޫން. އުނދަގޫކޮށް ދުއްތުރާކޮށް، ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ޚިޔާލުތަފާތުވުމެއް ނޫން. މިއަދުވެސް އެކަން އެބައޮތް އެހެން ނަމަވެސް އެކަންތައްތައް ގިރާކޮށް އަޅުގަނޑުމެން މިދަނީ ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަމެއް ކޮށްދެމުން“ ރައީސް ސޯލިހު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ދިއްގަރަށް އުދައެރުން ހުއްޓުވުމަށްޓަކައި މިކުރެވުނު މަސައްކަތުގައި ގާތްގަނޑަކަށް، 700 މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި، ހިލަތޮށި ލެވިފައިވާ ކަމަށެވެ. އަދި ކުރިޔަށް މިއޮތް ދެތިން އަހަރުގައި މިލެވުނު ހިލަތޮށިން ލިބެނީ ކިހާވަރެއްގެ ހިމާޔަތެއްތޯ ބަލައި، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ ދިއްގަރު ބިންހިއްކުމުގެ މަސައްކަތް ނިމޭއިރު 38 ހެކްޓަރަށް ރަށް ބޮޑުވެގެންދާނެ ކަމަށެވެ. އަދި މިސަރުކާރުން ވައުދުވީ 25 ހެކްޓަރުގެ ބިން ހިއްކުމަށް ކަމަށާއި މިހާރު 17 ހެކްޓަރުގެ ބިން ހިއްކިފައިވާކަމުގައިވެސް ވިދާޅުވިއެވެ.