ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާލެ ސިޓީ ކައުންސިލުގެ އިދާރާގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެބޭފުޅުން ކުރައްވަން ބޭނުންފުޅުވާ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތަކުން ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ލިބޭކަމުގައި ފާހަގަކުރައްވާފައެވެ.

އަދި އެބޭފުޅުން މިވަގުތު އެންމެ ކަންބޮޑުވެވަޑައިގަންނަވަނީ ކުރިއަށްއޮތް ތަނުގައި އެކޮމިޓީގެ މަސައްކަތްތަކަށް އަންނާނެ ބަދަލެއް އެނގިވަޑައިގެންފައިނެތުންކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އެ ކޮމިޓީއިން ވަނީ މި އަހަރު ކުރުމަށް ނިންމާފައިވާ މުހިންމު ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިހާތަނަށް އ.ތ.މ. ކޮމިޓީތަކުން އެންމެ ގިނައިން ފާހަގަކޮށްފައިވަނީ ސަރުކާރުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބެންޖެހޭ އިނާޔަތްތަކާއި މުސާރައާއި އެހެނިހެން ޗުއްޓީފަދަ ކަންކަން ނުލިބުން ކަމުގައި ވިދާޅުވެފައެވެ.

އަދި އެކަންކަމަކީ ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލެއްކަމުގައި ފާހަގަކުރައްވައި އެކަން ކުރުމަށް މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އ.ތ.މ. ކޮމިޓީގެ ސްޓްރަކްޗަރަށް ބަދަލު ގެންނަވާނީ އެކަމަށް ފަންނީ ލެވެލްގައި ދިރާސާކޮށް ކޮމިޓީގެ މަސައްކަތްތައް މިހާރަށްވުރެ ”އެފިޝަންޓް“ ވާނެގޮތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެއާއެކު އެމަނިކުފާނު ވަނީ މި ސަރުކާރުން އަންހެނުން ބާރުވެރިކުރުވައި އެބޭފުޅުންގެ މަސައްކަތްތައް ކުރިއެރުވުމަށް ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސިޓީ ކައުންސިލް މެންބަރުންނާވެސް ބައްދަލުކުރައްވާފައެވެ.