މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން އަންނަ ވިއްސާރާގައި ނުވަ ރަށެއްގައި ވައި ގަދަވެގެންނާއި، ފެންބޮޑުވެގެން ރިޕޯޓް ކޮށްފައިވާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ، މިހާރު ކުރަމުންދާ ވިއްސާރާގައި ރަށްރަށަށް ލިބެމުންދާ ގެއްލުންތައް އެ އޮތޯރިޓީން ކައިރިން ބަލަމުން އަންނަ ކަމަށެވެ.
މިއަދު ހަވީރު 6 އާއި ހަމައަށް 9 ރަށަކުން ވައިގަދަވެގެންނާއި ފެންބޮޑުވެގެން ރިޕޯޓް ކޮށްފައިވާ ކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.
ފެންބޮޑުވި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ސ. މަރަދޫ، ސ. ފޭދޫ، ސ. ހިތަދޫ، ގއ. ދެއްވަދޫ، ޅ. ނައިފަރު، ޅ. ކުރެންދޫ، ކުޅުދުއްފުށި ސިޓީ، ހއ. ބާރަށް އަދި ހއ. ދިއްދޫއެވެ.

އެންޑީއެމްއޭއިން ބުނީ، މިރަށްތަކުގައި ފެންބޮޑުވި ނަމަވެސް އެއްވެސް އާއިލާއެއް، އެ އާއިލާ ދިރިއުޅެމުން އަންނަ ގެއިން އެހެން ގެއަކަށް ބަދަލު ކުރަން ޖެހޭ ފަދަ ހާލަތަކަށް ނާންނަ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހެމުން އަންނައިރު، މޫސުމާއި މާދަމާ މާލެ ސަރަހައްދަށް ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އަލްޖަޒީރާ ނޫހުން ވަނީ ލަފާކޮށްފައެވެ.
މިދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

