އެމްޑީޕީގެ ސަރުކާރުން ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރި 4000 ފްލެޓު އަންނަ އޮކްޓޯބަރު މަހު ހަވާލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފްލެޓާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ހައިދަރު މިއަދު ވިދާޅުވީ 4000 ފްލެޓް ދޫކުރުމުގެ މަސައްކަތް ހުއްޓުވީ އޭސީސީން ކަމަށެވެ.

ކުރީ ސަރުކާރުގައިވެސް އޭސީސީން ދެ ފަހަރެއްގެ މަތިން ހައުސިން މިނިސްޓްރީއަށް އެމަސައްކަތް މަޑުޖައްސާލުމަށް ސިޓީތައް ފޮނުވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އޭސީސީން އަންގާފައިވާ ގޮތަށް، ފޯމުތައް އަލުން މުރާޖައާ ކުރުމުގެ މަސައްކަތް މިމަހުގެ މެދުތެރޭގައި ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެންމެ ހައްގުވާ 4000 ފަރާތަށް މި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އޮކްޓޯބަރު މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން އޭސީސީން ކުރި ތަހުގީގަށްފަހު ބުނީ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ.

ނިމިިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ، ދެވަނަ ފިޔަވަހިން ދޫކުރި ގޯތިތައް ވެސް އެ ތަންތަނުގެ ވެރިފަރާތްތަކާ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހަވާލުކޮށް، ނިމޭނެ ކަމަށް ވެސް މިނިސްޓަރު މިއަދު މަޖިލީހުގައި ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ކަނޑު ފަޅުން މީހުންނަށް ދޭން ނިންމާފައިވާ ގޯތިތައް މި ސަރުކާރުން ވަނީ ހުޅުމާލެ ފޭސް 2 އަދި ފޭސް 3 އަށް ބަދަލުކޮށްފައި ކަމަށެވެ.

އަދި ގޯއްޗަކީ ކަނޑުފަޅުން ދެވޭނެ އެއްޗެއް ނޫންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހިން ދިނުމަށް ހަމަޖެހިފައިވާ 1،407 ގޯތި އަންނަ އޮކްޓޯބަރުމަހުގެ ނިޔަލަށް ވެރިފަރާތާ ހަވާލުކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.