ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ”ޕާޓީ މީހުންނަށް“ ފްލެޓު ދިނުމަށް، ފްލެޓު ލިސްޓު އޮޅުވާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވެރިކަމުގައި މަސައްކަތް ފެށި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން(‏އޭސީސީ‏‏) ‏އިން ކުރި ތަހުގީގަށްފަހު ބުނީ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ.

އެހެންވެ، އޭސީސީން އަންގާފައިވާ ގޮތަށް، ފޯމުތައް އަލުން މުރާޖައާ ކުރުމުގެ މަސައްކަތް މިމަހުގެ މެދުތެރޭގައި ފަށަން ވަނީ ނިންމިފައެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ ޝުޖާއު ވިދާޅުވީ އެމްޑީޕީގެ ވެރުކަމުގައި ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރަން އުޅުނު 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި ގިނަ މައްސަލަތަކެއް އެބަހުރިކަން އޭސީސީން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

”ކިހިނެއްތޯ އަޅުގަނޑުމެން، އެކަހަލަ ވައްކަންތައް ކޮށްފައި ހުރި ލިސްޓަކަށް ފްލެޓު ދޭނީ؟ ނުދެވޭނެ އިނގޭތޯ.“ ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މާލެ ސިޓީގައި ވަރަށް ނިކަމެތި ހާލުގައި ދިރިއުޅޭ ރައްޔިތުން އެބަތިބި ކަމަށާއި، އެމްޑީޕީން ބެލީ އެފަދަ މީހުންނަށް ފްލެޓު ދިނުމުގެ ބަދަލުގައި، ކައުންސިލުތަކުން ”ވަގު ލިޔުން ގެނެސްދެން“ ބޭނުންވާ ބަޔަކަށް ފްލެޓު ދެވޭތޯ ކަމަށެވެ.

އެގޮތުން އެމްޑީޕީއާ ގުޅުން އޮންނަ ކައުންސިލުތައް މެދުވެރިކޮށް، ވަކި މީހަކު މާލެ ސިޓީގައި ދިރިއުޅޭތާ މިވެނި ދުވަހެއް ވެފައިވާ ކަމަށް ބުނެ ލިޔުން ހޯދާއިރު، އެއީ ރަށްރަށުގައި އުޅޭ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ރައީީސް މުއިއްޒުގެ ސަރުކާރުން ގޯއްޗާއި ފްލެޓް ދިނުމުގައި އެއްވެސް މަކަރެއް ނުހަދާނެ ކަމަށެވެ.

ައެންމެ ހައްގުވާ 4000 ފަރާތަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އޮކްޓޯބަރު މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް ސަރުކާރުން ބުނެއެވެ.