ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ފަށައިފިއެވެ.
މިއަދު މެންދުރު ކުރިން ފެށިގެން ހުއްޓާ ނުލާ މާލެއަށް އަންނަނީ ވާރޭ ވެހެމުންނެވެ.
މިއާ އެކު މާލޭގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.
އެހެންކަމުން ފެން ހިނދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން ވަނީ، ކ.އަތޮޅުން ފެށިގެން އދ އަތޮޅަށް އޮރެންޖު އިންޒާރު ނެރެފައެވެ. މިއީ ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް ނެރުނު އެލާޓެކެވެ.
މި އެލާޓުގެ ވަގުތަކީ މެންދުރުފަހު 2:15 އިން ފެށިގެން، އިރުއޮއްސި 6:15 އަށެވެ.
ކުރިއަށްއޮތް 5 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން ވައިޖެހޭނީ އުތުރާއި މެދުރާއްޖެތެރެއަށް ގަޑިއަކު 17 މޭލާއި27 މޭލަށެވެ.
އަދި ދެކުނުގައި ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުމުގެ ފުރުސަތު އެބައޮތްކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

