މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލެ ސިޓީގެ ގިނަ މަގުތަކެއްގައި ވަރަށް ބޮޑަށް ފެން ބޮޑުވުމާ ގުޅިގެން ޒަރޫރީ ބޭނުމެއްގައި ނޫނީ ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ، ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެ ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާތީ މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން މާލޭގެ މަގުތަކުގައި ބަރު އުޅަނދު ނުދުއްވުމަށް އަންގާ ކަމަށެވެ.

އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދު ވެސް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

‏“އަދި ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާ އަދި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް އިލްތިމާސްކުރަން.“ ފުލުހުން ބުންޏެވެ.

ބޯކޮށް ވާރޭ ވެހޭއިރު އުޅަނދު ދުއްވާނަމަ ހެޑް ލައިޓް ދިއްލައިގެން ދުއްވުމަކީ ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށް ވެސް ފުލުހުން ބުންޏެެވެ.

ވާރޭ ވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މާލެ ސަރަހައްދަށް އޮރެންޖު އިންޒާރު ނެރެފައިވާއިރު މާލޭގެ 70 ގެއަށް ފެން ވަދެގެން ރިޕޯޓު ކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ބުނެފައެވެ. ފެން ހިންދުމުގެ މަސައްކަތްތަކުގައި އެމްއެންޑީއެފުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.