އިޒްރޭލުގެ ހައްދު ފަހަނައަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް އެއްވެސް ރަހުމެއް ނެތި ދެމުން އަންނަ ހަމަލާތައް އދ އިން ކިތަންމެ ވަރަކަށް ކުށްވެރި ކުރިޔަސް، އިޒްރޭލަށް ”ވަރިހަމަ“ ކަމަށް ފަލަސްތީނުން އދ އަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ރިޔާދު މަންސޫރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައެވެ.

ޔަހޫދީން ޣައްޒާއަށް ބޮން އަޅަމުން އަންނަތާ 313 ދުވަސް ވެއްޖެއެވެ. ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 39000އަށް ވެސް އަރައިފިއެވެ. ނަމަވެސް ފަލަސްތީނުގެ ދިފާއުގައި އިސްލާމީ ބޮޑެތި ބާރުތަކަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ.

ޔޫއެން ސެކިއުރިޓީ ކައުންސިލުގައި ރިޔާދު ވިދާޅުވީ، ޔަހޫދީންގެ އަމަލުތައް ކުށްވެރި ކުރިޔަސް، އެ މީހުންނަށް ވަރިހަމަ ކަމަށެވެ. އޭނާ ގޮވާލެއްވީ، އިޒްރޭލާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާށެވެ.

ފަލަސްތީނު މައްސަލައިގައި އދ އިން ނެރޭ ގަރާރުތަކަށް އިޒްރޭލުން ތަބާ ނުވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އދ އިން މި މައްސަލައިގައި ކުރާ ބަހުސްތައް އިޒްރޭލުން ނުވެސް ބަލާ ކަމަށެވެ.

ޔަހޫދީން ޣައްޒާ އަށް ހަމަލާ ދޭން ފެށީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. މި ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 40،000 އާ ގާތް ކުރާއިރު، 92000އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.