ބިދޭސީންގެ ފީ ނުދައްކާ ފަރާތްތަކުގެ ލިސްޓު ހޯމް މިނިސްޓްރީން އާންމުކުރުމާއެކު، މިހާތަނަށް 182 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން އާންމު ކޮށްފައިވާ ލިސްޓުގައިވާ ގޮތުން ބޮޑެތި ކުންފުނިތައް ހިމެނޭހެން 1026 ކުންފުންޏަކުން 636 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.
އެ ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތަކީ މި މަހުގެ 12 ވަނަ ދުވަހެވެ.
މުއްދަތު ހަމަވިއިރު ޖުމްލަ 182،954،572 (ސަތޭކަ އައްޑިހަ ދެ މިލިއަން ނުވަ ލައްކަ ފަންސާސް ހަތަރުހާސް ފައްސަތޭކަ ހަތްދިހަ ދެ) ރުފިޔާ ރިކަވަރ ކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ހިސާބުތައް ދައްކާގޮތުން މިހާތަނަށް 453 މިލިއަނެއްހާ ރުފިޔާ ދައުލަތަށް ނުލިބެއެވެ.
ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ އެއްލައްކައަށްވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުން، ދައުލަތަކަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށް މުހުލަތެއްދީ އެ ފަރާތްތަކުގެ ލިސްޓު ހޯމް މިނިސްޓްރީން ނެރުނީ މިދިޔަ ޖުލައި މަހުގެ 24ވަނަ ދުވަހުއެވެ.

