ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބްސްވުމަކީ ފެނާއި ނަރުދަމާ ދާއިރާ ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ފަންނީ ތަޖްރިބާ ދެ ޤައުމު ދެމެދުގައި ބަދަލުކުރުމާއި، މި ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމާއި އަދި ދާއިރާއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރަންސްތަކުގައި ދެ ގައުމުން ގުޅިގެން ބައިވެރިވެ ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުމަށްޓަކައި އެކުލަވާލާފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ތާރިގު އިބްރާހީމެވެ.

ތުރުކީ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިސްތަންބޫލް ވޯޓަރ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ.

މި އެއްބަސްވުމުގެ ސަބަބުން ފެނާއި ނަރުދަމާ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ދެ ޤައުމު ދެމެދުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ގަބޫލުކުރެވޭ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ބުނެއެވެ.