އަވަށްޓެރި އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ވެރިންނާއި ރައްޔިތުންނަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

އެމަނިކުފާނު ފޮނުއްވެވި ތަހުނިޔާގެ މެސެޖްގައި ވިދާޅުވީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ރައީސް ޑްރޫޕަދީ މުރުމޫއަށާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އަދި އިންޑިއާގެ ރައްޔިތުންނަށް ވަރަށް އިހްލާސްތެރި ތަހުނިޔާ ފޮނުއްވާ ކަމަށެވެ.

ޒަމާނުއްސުރެ އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ދެމެހެއްޓެނިވި ރަހުމަތްތެރިކަމުގެ ސަބަބުން ރާއްޖެއާއި މި ސަރަހައްދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ދެގައުމުގެ ކުރިއެރުމާއި ދެ ގައުމުގެ ލަނޑުދަނޑިތައް ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވަނީ މި ހަފްތާގައި ރާއްޖެއަށް ދަތުރު ކުރައްވައިފައެވެ.

މި ދަތުރުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާފައިވާ ބައެއް މަޝްރޫއުތައް ސަރުކާރާ ހަވާލު ކުރައްވައިފައިވެއެވެ. ޖައިޝަންކަރުގެ ދަތުރާއެކު ރާއްޖެ-އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ