މަންކީޕޮކްސްގެ އާ ވޭރިއެންޓެއް ބާރަށް ފެތުރެމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މަސައްކަތް ފަށައިފިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޑަބްލިއުއެޗްއޯއިން ނެރެފައި ވަނީ އެފްރިކާގެ 13 ގައުމެއްގައި އެމްޕޮކްސްގެ ކޭސްތައް ފެނުމާ ގުޅިގެންނެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެންމެ ފުރަތަމަ ފެތުރެން ފެށި އެ ބަލި އަވައްޓެރި ގައުމުތަކަށް ފެތުރިފައިވާއިރު، މިއީ ހުރިހާ ގައުމުތަކުން ވެސް ސަމާލުވާން ޖެހޭ ކަމެއް ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އެ ބައްޔާއި ގުޅޭގޮތުން އެ އިދާރާއިން ރިސްކް އެސެސްމަންޓް ހަދަމުން އަންނަ ކަމަށެވެ. އަދި އާންމު ސިއްހަތަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭ އިރުޝާދު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.