މި ސަރުކާރުން ރިސޯޓު މުވައްޒަފުންނަށް ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު، ވެރިކަމުގެ މި ހިނގާ ފަސް އަހަރުގެ ތެރޭގައި ފުއްދަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައިސަލް މިހެން ވިދާޅުވީ ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ބޯހިޔާވަހިކަމުގެ ވައުދުކަމަށާއި، މި ފަސް އަހަރު ނިމުމުގެ ކުރިން އެމަނިކުފާނު އެ ވައުދު ފުއްދެވުމަށް މަސައްކަތްތައް ކުރައްވަމުންދާކަމަށެވެ.

 

އަދި ރައީސް އަމިއްލަފުޅަށްވެސް އެކަން ބައްލަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

”ރިސޯޓު މުވައްޒަފުންނަށް އަޅުގަނޑު ޔަގީންކަން ދޭން ބޭނުންވަނީ ތިބޭފުޅުންނަށް ރައީސް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހިކަމުގެ ވައުދު. އެމަނިކުފާނު އެކަމަށްޓަކައި އެދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން.“ މިނިސްޓަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ގިނަ ދުވަސްވަންދެން މަސައްކަތްކޮށްފައިވާ ފަރާތްތައް ތިބިއިރު، އެ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކޮށްފައިނުވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަން އެނގިވަޑައިގަންނަވާ ކަމަށާ އެކަން މޮނިޓަރ ކުރައްވަވަމުންދާ ކަމަށެވެ.

އަދި ރިސޯޓު މުވައްޒަފުންނަށް ގެދޮރު ދޭނީ މިހާރު ހިންގާ ހައުސިން މަޝްރޫއުގެ ތެރެއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.