މުޅި ދުނިޔެއަށް ވެސް އޮތް ސިއްހީ ނުރައްކަލެއް ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މަންކީ ޕޮކްސްގެ ކޭސްއެއް ޕާކިސްތާނުން ފެނިއްޖެއެވެ.
އެ ގައުމުގެ ނޫހެއް ކަމަށްވާ ޖިއޯ ނިއުސްއިން ބުނި ގޮތުގައި ޚައިބަރު ޕަހްތޫންހުވާގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތަކަށް މި ނުރައްކާތެރި ވައިރަސް ވަނީ ޖެހިފައެވެ.
އެ ނޫހުން ބުނީ، ބަލި ޖެހުނު މީހާ ވަރަށް ފަހުން ސައުދީ އަރަބިއްޔާއިން އައިސްފައިވާ ކަމަށެވެ.
އެ ގައުމުގެ ސިއްހީ އޮފިޝަލުން މީޑިއާތަކަށް ބުނީ އެމްޕޮކްސް ޖެހިފައިވާ މީހާއާ ބައްދަލުވެފައިވާ އެންމެންގެ ސާމްޕަލް މިހާރު ނަގައިފައިވާ ކަމުގައެވެ.
އަދި ޕާކިސްތާނަށް ވަންނަ މީހުންގެ މައުލޫމާތު ހޯދައި ހަރުކަށި ފިޔަވަޅުތައް އެޅުމަށް ބޯޑާ ހެލްތު ސާވިސްއަށް އަންގައިފައިވާ ކަމަށް ވެސް ސިއްހީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މިދިޔަ އަހަރު ވެސް ޕާކިސްތާނުން މަންކީޕޮކްސްގެ ނުވަ ކޭސް ފެނުނެވެ.
އެ އެންމެންނަކީ ވެސް މެދުއިރުމައްޗާއި އެހެން ގައުމުތަކުން އެނބުރި އައި މީހުންނެވެ.

