ރާއްޖޭގައި ގަވިދާ ހިލާފަށް އުޅެމުންދިޔަ ‏‏‏އިތުރު 22 ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން އިމިގްރޭޝަން ވޮޗް އަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން އިއްޔެ ހެނދުނު ގ. ހީނާމާގެ ޕާކިން ސަރަހައްދުން ބަލައި ފާސްކުރި ބިދޭސީންގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް 14 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން، މާފަންނު ސަރަހައްދުގައި، ބިދޭސީން ދިރިއުޅެމުންދާ އެކަމަޑޭޝަން ބްލޮކެއްގެ މައުލޫމާތު މާލެ ސިޓީ ކައުންސިލުން ހިއްސާކުރުމާ އެކު، އެތަން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ އަސް ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ފާއިތުވި އަށް މަހުގެ ތެރޭގައި ގަވާއިދާހިލާފަށް އުޅެމުންދިޔަ 2،013 ބިދޭސީއަކު ޑީޕޯޓް ކޮށްލައިފައިވާ ކަމަށެވެ.